ގިނަ ބައެއްގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގެ ވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ ދިވެހިންނަށް ޑިޖިޓަލް މަނިޓައިޒޭޝަންގެ ފުރުސަތުތައް ފަހިކުރުމާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް އެ ޕްލެޓްފޯމުގެ ވެރިން ހިމެނޭ ވަފުދެއް ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ވަފުދުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. ބައްދަލުވުމުގައި ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ޕްލެޓްފޯމާ އެކު މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ ދިވެހިންނަށް ޑިޖިޓަލް މަނިޓައިޒޭޝަންގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކަމުގައި ފާހަގަކުރި އެވެ.
އެ ވަފުދުން ކުރަމުންދާ ޒިޔާރަތުގައި މިއަދު ވަނީ ރައީސް އާ ބައްދަލުކުރައްވާފަ އެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ޓިކްޓޮކް އާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ. ބައްދަލުވުމުގައި ޓިކްޓޮކްގެ ވެރިން ވަނީ ރައީސްގެ ތަސައްވުރަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އަރުވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
President Dr @MMuizzu meets with TikTok’s senior delegation to discuss potential areas of collaboration. He shared his vision for digitalisation in the Maldives, while TikTok’s team highlighted how they can support that vision. Both sides expressed optimism for future… pic.twitter.com/mUuothbB5R
— The President's Office (@presidencymv) April 16, 2025
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓިކްޓޮކްގެ ވަފުދުން ކުރަމުންދާ ޒިޔާރަތުގައި ރާއްޖެއަށް އެ ޕްލެޓްފޯމުގެ އިތުރު ހިދުމަތްތައް ތައާރަފު ކުރުމަށް ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމުގަ އެވެ.
ބައްދަލުވުންތަކުގައި ޓިކްޓޮކް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތަކާ ގުޅޭ ގާނޫނީ ކަންކަމާއި ފައިސާގެ މުއާމަލާތްތަކާ އަދި އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމުގަ އެވެ. އޭގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ފަންނުވެރި އިގުތިސޯދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރެއްވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުގެ ތެރެއިން ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޓިކްޓޮކް ކޮންޓެންޓަރުންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން ޓިކްޓޮކް މަނިޓައިޒްކުރުމަށް ރީޖަނަލް އޮފީސްތަކާ މަޝްވަރާކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އޭރު ވިދާޅުވެފައިވެ އެވެ. އަދި ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
ސައީދު ވިދާޅުވެފައިވާ ގޮތުގައި ބައެއް ކޮންޓެންޓުތަކުން ފައިސާ ރިސީވް ކުރެވޭނެ ނިޒާމެއް ނެތީ އެ ފަރާތްތަކުގެ ޕްރިއޯރިޓީ ލިސްޓުގައި ރާއްޖެ ނެތުމުގެ އިތުރުން ރާއްޖޭގެ މާކެޓް ކުޑަވުމުން ކަމުގަ އެވެ. ސަރުކާރުން ކުރި މަސައްކަތުން ވީޗެޓް-ޕޭ ތައާރަފުކޮށްފައިވާއިރު، އެހެނިހެން ޕްލެޓްފޯމުތައް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.