ނިމިގެން ދިޔަ ރޯދަ މަހާއި އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން އެޕް މެދުވެރުކޮށް ފެން ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ހިންގި ޕްރޮމޯޝަންގެ ތެރެއިން އުމްރާ ދަތުރުތައް ލިބޭ ނަސީބުވެރި ފަރާތްތައް މިއަދު ގުރުއަތުލައިގެން ހޮވައިފި އެވެ.
“އެކުވެރި ރޯދަ 30: ޢުމްރާ 3 ދަތުރު” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ދަށުން ހޮވީ ތިން ނަސީބުވެރި އެކެވެ؛
- ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރ: ދރ 1672)
- މުހައްމަދު ސަރާހު (އުދަރެސް، ތ. ތިމަރަފުށި)
- އަލީ ނާޒިމް (ގ. ރަންދެލިގެ، ކ. މާލެ)
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތިން ފަރާތާއި އުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި، ބޯޑްގެ މެމްބަރުންނެވެ.
އުމްރާ ދަތުރު ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ އެ މިޕްރޮމޯޝަންގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ލިބުނުކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ އެވެ. ނަމަވެސް އުމްރާ ދަތުރު ފައިސާއަށް ބަދަލު ނުކުރެވޭނެ އެވެ. އުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެ ދަތުރު ހަމަޖައްސައިދެނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.
“މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކުންފުނީގެ ޕީ.އާރު ނަންބަރު 7209393 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.” އެމްޑަބްލިއުއެސްސީން ބުންޏެެވެ.