ޕްރައިމަރީ ހެލްތު ކެއާ ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި، ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ފޮނުވި ހާއްސަ މެސެޖެއްގައި ރައީސް ވަނީ ސަރުކާރުން މައިންނާއި ކުޑަކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުން، މިއަހަރުގެ ތީމް “ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާޒް” ކަށަވަރުކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް އެރުއްވި އެވެ.
އަދި ކޮންމެ ގައުމެއްގެ ކުރިއެެރުމާއި ތަރައްގީ ގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމާއި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ކޮންމެ މަޔަކީ، ގާއިމްކުރެވިފައިވާ ސިއްހީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ހިދުމަތްތެރީންގެ ހިދުމަތްލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި، އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުއިއްޔާ، ޖަމާއަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫއުތަކެއް ރާއްޖޭގައި ހިންގިފައިވާކަންވެސް ފާހަގަކުރެއްވި އެވެ. އަދި، އެފަދަ ހިދުމަތްތައް ދިނުމުގައި ހެލްްތް ކެއާ ވޯކަރުން އަދާކޮށްފައިވާ ދައުރަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ގެއްލުންވާ އަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެ އެވެ. އަދި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމައެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތްކުރާނޭ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވެ އެވެ.