ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު، މިއަދު އައްޔަނުކުރައްވައިފި އެވެ.
ޝަހީދު، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، ޝަހީދު، ވަނީ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ.
ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަދި ހުވައިގެ އިގްރާރުގައި ޝަހީދު، ވަނީ ސޮއިކުރައްވާފަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ޝަހީދާ ހަވާލުކޮށްދެއްވީ ރައީސް އެވެ.
ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.
އޭނާ ވަނީ މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ހާސިލުކުރައްވާފަ އެވެ.