ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް ހުރިހާ ރައްޔިތުން އެއް ރޫހެއްގައި މަސައްކަތް ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ހިތޯބުގަ އެވެ.
ރައީސްގެ ހިތޯބުގައި ވަނީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދީ، ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.
“ދަރީންނަށް އާރުލާ ތައުލީމެއް ދެވޭނީ، މުޅި މުޖުތަމައުގެ ބައިވެރިވުން އެކަމުގައި އޮވެގެންނެވެ. ކުދީންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރު ލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެން ވެސް ދައްކައިގެންނެވެ. ދަރިވަރުންގެ ހައްގުގައި ބެލެނިވެރީންނާއި އެދުރުގެތަކުން ވެސް ގުޅިގެން މަސައްކަތްކޮށްގެންނެވެ.” ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެ އެވެ.
“އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އާ އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައި ވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދެއްވުމެވެ.” ރައީސް ވިދާޅުވި އެވެ.
ހިތޯބު ނިންމަވާލައްވަމުން ރައީސް އިލްތިމާސް ކުރައްވާފައި ވަނީ މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރީން ކަމަށް ކަމޭ ހީކުރެއްވުމާ އެކު، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ބެލެނިވެރީންގެ ކިބައިން އެދިވަޑައިގެންފައި ވަނީ ދަރީންނަށް ރަނގަޅު ތައުލީމާ އެކު ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރުމަށެވެ. ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ ކިޔެވުމަށް ހާއްސަކޮށް އުމުރުގައި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއް ކަމުގައި ވުމަށެވެ.