
ބަންގާޅު ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން “އަރުނަބް” މި ހަފުތާގެ ތެރޭގައި އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް އޭގެ ސީދާ ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެހެންނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ތޫފާނުގެ ސީދާ އަސަރެއް ނޫން ކަމަށާއި، މިއީ އިންޑިއާގެ ދެކުނާއި ސްރީލަންކާއާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއް ނުވަތަ “ލޯ ޕްރެޝާ” ސިސްޓަމެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.
މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެ ސަރަހައްދުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން އުޅޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

