
އިންޓަރކަލްޗަރަލް ޑައިލޮގްގެ 7ވަނަ ބައިނަލްއަގްވާމީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 27އިން 29އަށް ކުރިއަށްދާ މި ބޮޑު ފޯރަމަކީ އެކި ސަޤާފަތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މި އަހަރުގެ ފޯރަމް ކުރިއަށްދަނީ “ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް” މި ޝިއާރުގެ ދަށުންނެވެ. މި ފޯރަމްގެ ފުރަތަމަ ދުވަހު ވަޒީރު ހީނާ ވަލީދު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ވަޒީރުންނާއި، އިލްމީ މާހިރުންނާއި، ދީނީ އިލްމުވެރިންގެ އިތުރުން ޒުވާނުންގެ މަންދޫބުން ބައިވެރިވާ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ދޭދޭ ގައުމުތަކުގެ މެދުގައި އިހުތިރާމް ގާއިމުކޮށް، ސަޤާފީ މަޝްވަރާތައް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއެރުވުމެވެ.
މި ދަތުރުފުޅުގައި ވަޒީރު ހީނާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ 3ވަނަ މަތީ ފަންތީގެ ބައްދަލުވުމާއި، “ބާކޫ ޕްރޮސެސް”ގެ 6ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ސެޝަނެއްގައި ވެސް ވާހަކަފުޅު ދައްކަވާނެއެވެ. މި ސެޝަންގައި ވަޒީރު ބޮޑަށް އަލިއަޅުއްވާލައް ވާނީ، މިހާރު ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.
“ބާކޫ ޕްރޮސެސް”ގެ ދަށުން ބާއްވާ މި ފޯރަމަކީ ސަޤާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް އަމަލީ ހައްލު ހޯދުމަށް މަސައްކަތްކުރާ މަންސައެކެވެ. މި ފޯރަމްގައި ދާއިރާގެ ބައިނަލްއަގްވާމީ މުއައްސަސާތަކުން ވެސް އަމަލީ ގޮތުން ބައިވެރިވެއެވެ.
މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަށާއި ބަހުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެނިހެން ގައުމުތަކާ އެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.

