
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 20އިން 22ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60އަހަރު ފުރުނު ތާރީހީ މުނާސަބަތާ ވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ.
އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ އިސް އޮފިޝަލުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުހައްމަދު އިސްހާގު ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ސޯދިގުއާއި، ސެނެޓުގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ހިމެނިވަޑައިގަންނަވައެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާއީ އަދި ސަލާމަތީ ދާއިރާގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފައެވެ.
ރައީސް މުއިއްޒުއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭ 20ފަހުމުނާމާއަކާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވެސް ދެ ގައުމުން ވަނީ އަޒުމް ކަނޑައަޅާފައެވެ.

