
ހިންގުމުގެ ޚަރަދު ކުޑަކޮށް، ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ނެޓްވޯކާއި އޮޕަރޭޝަންތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ބަދަލާ އެކު، ރާއްޖޭގައި ކަނޑައެޅިފައިވާ ފަސް ސިޓީގެ ތެރެއިން ތިން ސިޓީއަކަށް މިހާރު ހަކަތަ ފޯރުކޮށްދެމުން ގެންދާނީ އެ ކުންފުނިންނެވެ. މިކަން ފާހަގަކުރުމަށްޓަކައި ކުޅުދުއްފުށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަޒުވަރު ވަނީ، ފެނަކަ ކޯޕަރޭޝަންގެ ދަށުގައި ހުރި މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ޔުޓިލިޓީގެ ދާއިރާއަށް އިންގިލާބީ ކުރިއެރުމެއް ގެނުވާނެ ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ފެނަކަ އުވާލައި، އެ ކުންފުނިން ދެމުންގެންދިޔަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ސްޓެލްކޯއިން އަންނަނީ ފެނަކައިން ބަލަހައްޓަމުން ދިޔަ އިންޖީނުގެތައް ފަހަރަކު ރަށަކުން އެ ކުންފުނީގެ ދަށަށް ބަދަލުކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީއާއި ހއ. އަތޮޅުގެ ރަށްތަކުގެ ހަކަތައިގެ ނިޒާމު ވެސް މިހާރު ވަނީ ސްޓެލްކޯގެ އޮނިގަނޑުގެ ތެރެއަށް ވައްދާފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތަކާ ވެސް އެންމެ އަވަސް ފުރުޞަތެއްގައި ހަވާލުވުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ހަލުވިކަމާ އެކު ކުރަމުންނެވެ.

