
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ދަންވަރު ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލެއް އެހެން ސައިކަލަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ މީހެއްގެ ހާލު ރަނގަޅުވެ މެޝިނާ ނުލައި ނޭވާލާން ފަށައިފި ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހާމަކޮށްފިއެވެ.
އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ލައިފް ސަޕޯޓުން ނެގި ނަމަވެސް އެކަކަށް އަދިވެސް ފަރުވާދެމުން ގެންދަނީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައެވެ. އަދި ދެވަނަ މީހާއަށް ފަރުވާދެމުންދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)އަށް ބަދަލުކޮށްގެންނެވެ. އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ވެންޓިލޭޓަރުގައި ފަރުވާދީފައި ވަނީ އެކްސިޑެންޓުވި އެއް ސައިކަލުގައި ތިބި ދެބެންގެދެދަރި ދެ ޒުވާނުންނަށެވެ.
ޖުމްލަ ފަސް މީހަކަށް އަނިޔާވި މި ހާދިސާގައި ދެން ހިމެނޭ ތިން މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އަނެއް ދެ މީހުންނަށް ދަނީ ވޯޑުގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލޭގެ ނިރޮޅުމަގުގައި ޤަވާއިދާ ޚިލާފަށް ވަންވޭއަށް ވަދެ ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކުރިމަތިން އައި ސައިކަލެއްގައި ޖެހިގެންނެވެ. ފުލުހުން ބުނާ ގޮތުގައި ޤަވާއިދާ ޚިލާފަށް ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ އުޅަނދެއް ކަމަށް ބެލެވޭއިރު، އެ ސައިކަލުގައި ތިން މީހަކު ތިއްބެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ސައިކަލުގައި އިން ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފް ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ދޫކޮށްލުމުންނެވެ. ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާގޮތުގައި ސައިފަކީ ޓްރެފިކް ކުށްތަކުގެ ބޮޑު ރެކޯޑެއް އޮންނަ ފަރާތެކެވެ. އޭގެ ތެރޭގައި ލައިސަންސް ނެތި 13 ފަހަރެއްގެ މަތިން އުޅަނދު ދުއްވުމާއި، އިންޝުއަރެންސް އަދި ރޯޑްވާދިނަސް ނެތި ދުއްވުމުގެ އިތުރުން ފޯނު ބޭނުންކުރަމުން އުޅަނދު ދުއްވުމުގެ މައްސަލަތައް ހިމެނެއެވެ.

