
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް މިންވަރެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫން ވެސް ބާރަކަށް ދޫކޮށްނުލާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައި ދީފިއެވެ.
ދައުލަތުން މިއަދު އާންމުކުރި ބަޔާނުގައި އަންގާފައި ވަނީ، ރާއްޖޭގެ އިޤުތިސާދީ ޚާއްސަ ސަރަހައްދާއި ބައިނަލްއަޤުވާމީ ކަނޑުއޮޅިތައް ހިމެނޭހެން، މުޅި ދިވެހި ފަސްގަނޑާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މިންކަނޑައިނުލެވޭ ފުރިހަމަ ބާރު ލިބިގެން ވަނީ ހަމައެކަނި ދިވެހި ދައުލަތަށް ކަމަށެވެ. މިއީ ޤާނޫނުއަސާސީން ސަރުކާރާ މަތިކޮށްފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތުކަން ފާހަގަކޮށް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަކީ އެއްވެސް ފަރާތަކަށް ދޫކޮށްލެވޭނެ އެއްޗެއް ނޫންކަން ވަނީ ތަފްސީލުކޮށްދީފައެވެ. އަދި ބޭރުގެ ނުފޫޒުތަކުން ޤައުމު ސަލާމަތްކުރުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ ފަޚުރުވެރި މަސައްކަތެއްކަން ވެސް ސަރުކާރުން ހަނދާންކޮށްދީފައިވެއެވެ.
ޖުގުރާފީ ގޮތުން ދިވެހިރާއްޖެ އޮންނަ މުހިންމު ނުކުތާގެ ސަބަބުން، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް މުދަލާއި ތެޔޮ އުފުލުމުގައި ރާއްޖޭގެ ކަނޑުއޮޅިތައް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭރުގެ ބާރުތަކަށް ޖާގަ ނުދިނުމަކީ، މުޅި ދުނިޔޭގެ ވިޔަފާރިއާއި ސަރަހައްދީ ހަމަޖެހުމަށްޓަކައި ސަރުކާރުން ގެންގުޅޭ އެންމެ އިސް އެއް ސިޔާސަތުކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކޮންޓްރޯލްކުރުމަށް ބޭރުގެ އެއްވެސް ފަރާތަކަށް ފުރުސަތު ދިނުމަކީ ގައުމުގެ މިނިވަންކަމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއްކަމަށް ސަރުކާރުން ދެކެއެވެ. އެހެންކަމުން، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ބޭރުގެ ނުފޫޒުތަކަށް ރާއްޖެއަށް ވަނުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް، އަދި އެފަދަ ކަންކަމަށް ދައުވަތު ނުދިނުމަށް ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަށް ވަރަށް ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ.
މިފަދަ ސާފު އިބާރާތަކުން ސަރުކާރުން ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް ވަދެވޭފަދަ ގޮތަކަށް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ.

