
އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ އިރު 1000ޑޮލަރު ދޫކުރާނެ ގައުމުތައް ކަނޑައަޅައިފިއެވެ.
ފަހަކަށް އައިސް ޑޮލަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އިރު ބޭސް ފަރުވާއަށް އާންމުކޮށް ގޮސް ނޫޅޭ ގައުމުތަކަށް ދާއިރު ވެސް ބޭސް ފަރުވާގެ ނަމުގައި ޑޮލަރު ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އެހެން ނަމަވެސް އެމްއެމްއޭއިން މިއަދު ބުނީ ދެން ބޭންކުތަކުން 1000ޑޮލަރު ވިއްކާނީ އަމިއްލަ ހަރަދުގައި ހަ ގައުމަކަށް ބޭސް ފަރުވާ ދިވެހީންނަށް އެކަނި ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދިވެހީން އާންމުކޮށް ގޮސްއުޅޭ ގައުމުތައް ކަމަށްވާ އިންޑިއާ، ސްރީ ލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީ ހިމެނެއެވެ.
އެމްއެމްއޭއިން ބުނީ އެ ނިންމުން ނިންމި ނަމަވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ކުރިއެކޭ އެއްގޮތަށް 2000ޑޮލަރު ލިބޭނެ ކަމަށެވެ.
ޑޮލަރު ލިބުން މަދުވުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކުންވެސް ވަނީ ޑޮލަރު ލިމިޓެއް ކަނޑައަޅައި އީ ކޮމާސް ވެބްސައިޓުތަކުން ރުފިޔާއިން ބޭރުގެ ޓްރާންސެކްޝަން ހެދޭ މިންވަރުވެސް ލިމިޓްކޮށްފައެވެ.

