
ދުނިޔޭގެ އެންމެ ވަރުގަދަ އެއް މަޖައްލާ ކަމަށްވާ ފޯބްސް އިން ހޮވި އެންމެ ވަރުގަދަ ބޭންކްތަކުގެ ލިސްޓަށް ބީއެމްއެލް އަރައިފިއެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި “ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026” ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައި ވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ.
މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެއެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ.
ބީއެމްއެލް ހިމެނިފައި ވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަމެވެ.
ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ބޭންކުގެ ފުޅާ ނެޓްވޯކާއި، ލޯނާއި ފައިނޭންސިންގެ ޚިދުމަތްތަކުގެ އިތުރުން، ޑިޖިޓަލް ބޭންކިންއަށް ކުރަމުންދާ އިންވެސްޓްމަންޓްތަކާ އެކު، އެ ބޭންކުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، މާލީ ޚިދުމަތްތައް ފުޅާކޮށް، ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދިނުމެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ
މި އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއް ކަމަށެވެ.
“މިއީ ބޭންކުގެ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލް އަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންގ އެއްވެސްމެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާ އެކު ބޭންކިން ޚިދުމަތް ހޯދޭނެ އަދި ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން.” ޝަރީފު ވިދާޅުވިއެވެ.
މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެއެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.

