
އއ. ހިމަންދޫއަށް 40 ޕެކެޓް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ އއ. ހިމަންދޫ / ފިނިހިޔާ، ޙުސައިން ނިޝާމް (27އ) ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ހިމަންދޫ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށްވާ، މި މަހު 4ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ހިމަންދޫއަށް އެތެރެކުރި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އޭގެ އިތުރުން، މާލެއިން ހިމަންދޫއަށް ދަތުރުކުރާ ލޯންޗެއްގައި ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 7ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަންގައި، އެ ލޯންޗު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

