
ގްރޭޓަރ މާލެ ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ކަމާ ބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ހާއްސަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންއެވެ.
މާލޭގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ ގްރޭޓަރ މާލެ ސަރަހައްދުގެ “ޕަވަރ ސިސްޓަމް މާސްޓަރ ޕްލޭން”، ކަރަންޓުގެ އަގު ކަނޑައެޅުމުގެ ސިޔާސަތު ނުވަތަ “ޓެރިފް ސްޓްރެޓެޖީސް” ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމު ނުވަތަ “ގްރީން މޮބިލިޓީ”އަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ރާއްޖޭގެ ކަރަންޓު އުފައްދާ އަދި ފޯރުކޮށްދޭ އިންފްރާސްޓްރަކްޗަރ މިހާރަށް ވުރެ ޒަމާނީކޮށް ވަރުގަދަކުރުމުގެ މައްޗަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް، ހާއްސަކޮށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް، މިހާރު ހުރި ކަރަންޓު ވިއުގައާ ފުރިހަމައަށް ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނޭ ފަދަ ހެޔޮ އަގެއްގައި މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ދުރުރާސްތާ ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ.

