
ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ސީދާ ދައުލަތުގެ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ނުވަވަނަ އެޕިސޯޑް މިރޭ ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
މާލޭގެ ސަލްޓަން ޕާކުގައި މިރޭ 21:00ގައި ފަށައިގެން ދެ ގަޑިއިރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޚާއްޞަ ބައްދަލުވުމުގައި ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން ޕެނަލްގައި ހިމެނިވަޑައިގަންނަ ވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މި ފޯރަމްގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ތަފާތު އިދާރާތަކުން ހިންގާ މަޝްރޫޢުތަކާއި ސިޔާސަތުތަކުގެ ތަފްޞީލުތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމެވެ. ޢާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޙަރަކާތުގައި، ސީދާ އިވެންޓް އޭރިއާއަށް ޙާޒިރުވެގެންނާއި، އޮންލައިންކޮށް މީސްމީޑިއާގެ މަންސަތައް ކަމަށްވާ ފޭސްބުކް އަދި އެކްސްގެ އިތުރުން ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ވެސް ސުވާލު ފޮނުވޭނެއެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ބޭފުޅެއްގެ ދާއިރާއާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ މަގުވަނީ ތަނަވަސްވެފައެވެ.
ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ ތަޞައްވުރު ހާމަކުރުމަށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށި މި ސިލްސިލާގެ ދަށުން މިހާތަނަށް ކާމިޔާބު އަށް ފޯރަމެއް ވަނީ ބާއްވާފައެވެ.

