
އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބޮޑު މަޝްރޫޢަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި ހުރަސްއަޅަނީ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެދާނެކަމުގެ ބިރު އޮތުމުންކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “އަރާއިރު” ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސަފީރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ”އަކީ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބިގެންދާނެ މަސައްކަތެކެވެ. ނަމަވެސް އެކަމާ ދެކޮޅަށް އަޑުއުފުލަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަން ކުރާތީކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި މި މަޝްރޫޢު ގެނައިނަމަ އެއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2028ގައި އެމްޑީޕީއަށް ވެރިކަން ލިބުނަސް މި އެއްބަސްވުން އުވާނުލާނެކަމަށާއި، އޭގެ ބަދަލުގައި އިތުރަށް ބިން ހިއްކައިގެން މަސައްކަތް ފުޅާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް މަޚްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، އީގަލް ހިލްސްގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަލްޢައްބާރަކީ ޔަހޫދީންނަށް ވާގިވެރިވާ ބޭފުޅެއްކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ސަފީރު ވިދާޅުވީ، އެފަދަ ހަނި ވިސްނުންތަކެއްގެ ތެރެއިން ޤައުމުގެ ކުރިއެރުން ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މިގޮތުން، ކުރީގެ ސަރުކާރެއްގެ ދުވަސްވަރު ސަޢޫދީ އަރަބިއްޔާގެ އެހީގައި ފ. އަތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫޢު ވެސް ހުއްޓުވާލީ އޭރުގެ ވެރިކަމަށް ސިޔާސީ މަންފާއެއް ލިބިދާނެކަމަށް ބިރުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މަޚްލޫފް ވަނީ، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަމިއްލަ އެދުމާއި މަސްލަޙަތު ކުރިއަށްނެރެ ޤައުމަށް ފައިދާހުރި ބޮޑެތި މަޝްރޫޢުތަކަށް ހުރަސްއެޅުމަކީ ނުހަނު ހިތާމަހުރި ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މާޒީގައި ހިނގާފައިވާ ފަދަ ގެއްލުންދެނިވި ކަންކަން ތަކުރާރު ނުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޖާގަދިނުމަށް އެންމެހާ ފަރާތްތަކަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

