
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރައިލިކަން ސާބިތުވެ، އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް، އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލަ މާވިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން މި މައްސަލަ ރަޖިސްޓްރީކޮށް ބަލައިގަތްކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. މޭރީގެ މަރުގެ މައްސަލައިގައި މާވިންއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިއިރު، މި ޖަރީމާގައި ބައިވެރިވިކަން ސާބިތުވި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ދަށު ކޯޓުގެ ޝަރީއަތުގައި ދައުލަތުން ވަނީ މާވިންގެ ފަރާތުން ފެނިގެންދިޔައީ އިންތިހާއަށް ރަހުމްކުޑަ އަމަލެއްކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާއަކީ އަނިޔާ ލިބުނު ފަރާތުގެ ފިރިމީހާއަށް ވެފައި، އެ ދެމަފިރިންގެ ދަރިއެއް ހުރުމާއި، އަދި އަމިއްލައަށް ނަރުހެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވުމުން ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުނެވެ. ނަމަވެސް އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް މާވިންއަށް ދިން ފުރުސަތުގައި އޭނާ ބުނީ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
އޮކްޓޫބަރު 2021ގައި ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލިއިރު، ލަމްހާގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލެއް ހުއްދަނެތި ބޭނުންކުރުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް އެނޫން ގޮތަކަށް ކުރުމުގެ ދައުވާއެވެ. މީގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި މާވިން ވަނީ އިސްލާމްދީން ޤަބޫލުކޮށް، އޭނާގެ ނަން ‘ޔޫސުފް’އަށް ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.

