
ޑައިމޯފިން ޓްރެފިކްކުރި މީހަކު 25އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ވ.ފެލިދޫ / އަބުގަސްދޮށުގެ، ސާޖިދު އަބްދުލް މުހައިމިންގެ މައްޗަށެވެ.
ކޯޓުން އާންމުކުރި އެ މައްސަލައިގެ ހުލާސާއިން އެނގޭ ގޮތުން ސާޖިދުގެ އަތުން މަސްތުވާތަކެތި ފެނުނީ 2021ވަނަ އަހަރުއެވެ. ނަމަވެސް އެ މައްސަލަ ނިންމައި ކޯޓުން ހުކުމް އިއްވީ ފަސް އަހަރުވެސް ފާއިތުވި ފަހުން މި މަހުއެވެ.
ހުކުމުގައި ބުނެފައިވާ ގޮތުން މީހެއްގެ ސައިކަލުގެ ފަހަތުން ދަނިކޮށް ފުލުހުން ސާޖިދު ހުއްޓުވައި ބެލިއިރު އޭނާ ލައިގެން ހުރި ޖީންސްގެ ކަނާއަތު ފަޔާއި ފައިކުރި އާ ދޭތެރެއިން ފެނުނު ޕްލާސްޓިކް ކޮތަޅުގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުގައި ޖުމްލަ 58.5307ގްރާމް ޑައިމޯފިން ފެނިފައިވެއެވެ. މިއީ ވިޔަފާރީގެ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ބެލެވޭ ބަރުދަނުގެ އަދަދަށް ވުރެ ވެސް މާބޮޑު އަދަދެކެވެ.
އޭނާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު ކެެނެބިސްއަށް ވެސް ޕޮޒިޓިވްވެފައިވެއެވެ.
އެ މައްސަލައިގައި ކޯޓުން ވަނީ ސާޖިދުގެ މައްޗަށް މަސްތުވާތަކެތީ ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 25އަހަރަށް ޖަލަށް ލުމާއެކު 100،000ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
ނަމަވެސް އޭނާ ޖަލުގައި ހުރި މުއްދަތު ކެނޑުމުން ސާޖިދު ޖަލުގައި ހޭދަކުރަން ޖެހޭނީ ސައުވީސް އަހަރާއި 10މަހާއި 21ދުވެހެވެ.

