
ދައުލަތުގެ މާލީ އޮނިގަނޑާއި އިގުތިސާދީ ނިޒާމުގައި އިސްލާމިކް ފައިނޭންސްގެ ދައުރު މިހާރަށްވުރެ ފުޅާކުރަން ވަރަށް ބޮޑަށް އިސްކަންދޭކަމަށް ޑެޕިއުޓީ ފިނޭންސް މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެެވެ.
ސާއިދު އެފަދައިން ވިދާޅުވީ “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް އެންޑް ޓްރޭނިންގ ކޭމްޕް” (އައި.އީ.ޓީ.ސީ) 2026އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން ވެދެމުންދާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ސާއިދު ވިދާޅުވީ، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)އާއެކު 1.5ބިލިއަން ޑޮލަރުގެ އައު ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު ސާއިދުގެ ވާހަކަފުޅުގައި، އިސްލާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ ވަސީލަތްތައް ޢަދުލުވެރިކަމާއެކު ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގެ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ.
ސާއިދު ވަނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން ދަރަނި އަދާކުރުމުގައި ރާއްޖެ ފަދަ ޤައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިފަދަ ފަންނީ ޕްރޮގްރާމްތަކުގެ ސަބަބުން އެކަންކަމަށް އަމަލީ ހައްލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

