
ސޯސަން މަގުގައި އޮންނަ ޕާކިން ޒޯނުގައި އެކަމަށް ހާއްސަ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އުޅަނދުތައް ޕާކުކުރާނެ ޖާގަ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ހީނާމާގޭ ބިމުގައި ޒަމާނީ ފެންވަރުގެ ޕާކިން އިމާރާތެއް ހެދުމަށް ބަޔަކާ އެކު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށާއި، ދެވަނަ މަޝްރޫއެއްގެ ގޮތުން ސޯސަން މަގުގައި ހަދާ އިމާރާތުގެ އަމަލީ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފެށިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދެ އިމާރާތް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ކޮންޓްރެކްޓަރުންނަށް އަންގާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިތަންތަން ހުޅުވިގެން ދިއުމުން، އާންމު ރައްޔިތުންނަށް އަތްފޯރާފަށުގެ ކުޑަ އަގެއް ދައްކައިގެން ފަސޭހަކަމާ އެކު އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހި، މަގުމަތީގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވެރިރަށް މާލޭގެ ޓްރެފިކް ނިޒާމު ހަރުދަނާކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން ހޯދައިގެން ނަމަވެސް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަން ސަރުކާރުން އަމާޒުހިފާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައިވާ ޕާކިން ޒޯނު ޑިޖިޓަލައިޒްކޮށް، އެތަނުގައި އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަން ވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

