
ޞިއްޙީ ދާއިރާގައި ދިވެހިރާއްޖެއިން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޓިމޯ ލެސްޓޭގައި މިހާރު ކުރިއަށްދާ ބައްދަލުވުމެއްގެ ތެރެއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ރާއްޖެއަށް ޝަރަފުވެރި އެވޯޑެއް ދީފިއެވެ.
ޓިމޯ ލެސްޓޭގައި ބާއްވަމުންދާ ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން މި ޝަރަފު ރާއްޖެއާ ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
ދިވެހިރާއްޖެއަށް މި ފަޚުރުވެރި ވަނަ ލިބުމުގެ އެންމެ ބޮޑު އެއް ސިއްރަކީ، ދޮށީ އުމުރަށް އެޅުމުގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ކަމުގައިވާ ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައް އަދި ނޭވާލާ ނިޒާމުގެ ބަލިތައް ތަޙައްމަލުކޮށް މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި މާކުރިން ޙާޞިލުކުރުމެވެ. ދުނިޔޭގެ ފެންވަރުގައި 2030ވަނަ އަހަރަށް ކަނޑައަޅާފައިވާ މި އަމާޒަށް، ސުންގަޑީގެ ހަތަރު އަހަރު ކުރިން ރާއްޖެއިން ވާސިލުވެފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މިހާތަނަށް މި ކާމިޔާބީ ހޯދި ހަމައެކަނި ޤައުމު ވެސް މެއެވެ.
މީގެ އިތުރުން، ވިހެއުމުގެ ތެރޭގައްޔާއި ފޫޅުކަނޑާއިރު ސާފުތާހިރުކަން ކުޑަ އާލަތްތައް ބޭނުންކުރުމުގެ ސަބަބުން މައިމީހާއަށާއި އަލަށް އުފަންވާ ތުއްތު ކުއްޖާއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ‘މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް’ ރާއްޖެއިން ނައްތާލެވިފައިވާކަން ޔަޤީންކުރިތާ ދިހަ އަހަރު ފުރި، އެ ހާލަތު ކާމިޔާބުކަމާ އެކު ދަމަހައްޓަމުން ގެންދާކަން ވެސް ޑަބްލިޔުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ. އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި މިއީ ދައުލަތުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން އެއް އަމާޒަކަށް ކުރި ބުރަ މަސައްކަތުން ލިބުނު ފޮނި ނަތީޖާއެކެވެ.
ފާއިތުވި ދުވަސްތަކުގައި ވެސް ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ އެވޯޑެއް ދާދިފަހުން އަރުވާފައިވެއެވެ. ހަމައެހެންމެ، މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވާ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ފަދަ ބަލިތައް މުޅިން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފާއި ޚާއްޞަ އެވޯޑު ވެސް ދިވެހިރާއްޖެއިން ވަނީ މީގެ ކުރިން އުފުލާލާފައެވެ.

