
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގައި ޙަލާލު ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް އާއި އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން ޚާއްޞަ މަޝްވަރާތަކެއް ފަށައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރާއި، އިސްލާމިކް ޗެމްބަރގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ވަކި ޚާއްޞަ މާކެޓެއްގެ ގޮތުގައި ޙަލާލު ފަތުރުވެރިކަން ތަރައްޤީކޮށް، އެ ދާއިރާއިން ހުރި އައު ފުރުޞަތުތައް ދެނެގަތުމެވެ.
ޙަލާލު ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިކަންހުރި ހޮޓާތަކާއި ރިސޯޓުތައް ދެނެގަތުމުގެ އިބުތިދާއީ މަސައްކަތްތައް ވީއެމްސީން މިހާރު ވަނީ ފަށާފައެވެ. ވީއެމްސީގެ އެމްޑީ ޔާސިރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ޤައުމަކަށް ވުމާ އެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޙަލާލު ޓޫރިޒަމްގެ މާކެޓަށް ވަދެ، ދިވެހިރާއްޖޭގެ ނަމާ ގުޅޭ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް މިހާރު ވަނީ ރަނުގެ ފުރުޞަތެއް ހުޅުވިފައެވެ. އަދި މިކަން ޙާސިލުކުރުމަށްޓަކައި ސިނާޢަތުގެ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ޙަލާލު ޓޫރިޒަމްގެ ބޮޑެތި އިވެންޓުތައް ބޭއްވުމުގެ ފުޅާ ތަޖުރިބާ ހުންނެވި ޝައިޚް ޚަލާވީ ވަނީ އެ މަނިކުފާނުގެ މަޢުލޫމާތާއި ތަޖުރިބާތައް މި ބައްދަލުވުމުގައި ޙިއްޞާކުރައްވާފައެވެ. އަދި ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު ދިވެހިރާއްޖޭގައި މި ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުނިޔޭގެ ފެންވަރުގެ ޙަރަކާތްތައް ރާއްޖޭގައި ބޭއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.
މުސްލިމު ފަތުރުވެރިންގެ މެދުގައި މަތީ ފަންތީގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނައިރު، ޙަލާލު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދަށާއި ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ސިނާޢަތަކަށް ވާނެއެވެ. ވީއެމްސީން ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއަށް ބޭނުންވާ ބައިނަލްއަޤްވާމީ ސެޓްފިކޭޝަންތަކާއި މިންގަނޑުތައް ދިރާސާކުރުމަށް ފަހު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޙަލާލު ފަތުރުވެރިކަން ރާއްޖޭގައި ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ހަލުވިކަމާ އެކު ކުރިއަށްގެންދާނެއެވެ.

