
ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް، ޕޭމަންޓް ޚިދުމަތްތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފިއެވެ.
ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުން ވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވެއެވެ. އެ ގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް، އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު
އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް:500،000އިން 2،000،000އަށް.
ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް:200،000އިން 2،000،000އަށް.
ރެމިޓެންސްގެ ޚިދުމަތް:200،000އިން 2،000،000އަށް.
ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް:100،000އިން 1،000،000އަށް
އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް:100،000އިން 1،000،000އަށް.
އެމްއެމްއޭއިން ބުނީ އިސްލާހުގެ މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާ އެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަން ކަން ކަށަވަރުކުރުމެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރި ވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.

