
ދިވެހީންނަށް ހާއްސަ ދާއިރާތަކުން ވިޔަފާރިކުރަމުންދާ ބޭރުގެ 28ކުންފުންޏެއް އުވާލައިފިއެވެ.
ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 2024ވަނަ އަހަރު ފާސްކުރި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓް ނުކުރެވޭ ވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ އިންވެސްޓްމަންޓް ދާއިރާތަކުގައި ހަރަކާތްތެރިވަމުން ގޮސްފައިވާ ފޮރިން އިންވެންސްޓްމަންޓް ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ގާނޫނުގެ 246ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އުވާލުމަށް ކަނޑައަޅައި އިއުލާނުކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ 28ކުންފުންޏެއް މިއަދު އުވާލައިފައިވާ ކަމަށެވެ.
ބިދޭސީން އިންވެސްޓް ކުރުން މުޅިން މަނާކުރި ދާއިރާތައް.
- އިމާރާތްތަކަށް ހިދުމަތްތައް ދިނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް.
- އޮފީސްތަކަށާއި ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގެ މަސައްކަތްތައް.
- 15މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތްތައް އެޅުމުގެ މަސައްކަތްތައް.
- 10މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ރިސޯޓުތައް ހެދުމުގެ މަސައްކަތްތައް.
- ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމުގެ މަސައްކަތްތައް.
- ފިޒިއޮތެރެޕީ ފިިޔަވައި އެހެނިހެން ކްލިނިކްތައް ހިންގުމުގެ މަސައްކަތްތައް.
- ކާގޯއާއި ލޮޖިސްޓިކް އަދި ޕޯސްޓުގެ ހިދުމަތުގެ މަސައްކަތްތައް.
- ސުވެނިއާއައި އަތްތެރި މަސައްކަތްތައް.
- ބަންކަރިންގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް.
- މީޑީއާތައް ހިންގުމުގެ މަސައްކަތްތައް.
- އެޑްވަޓައިޒިން އެންޑް އިވެންޓް މެނޭޖްމަންޓްގެ މަސައްކަތްތައް.
- ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތްތައް.
- މާކެޓް ރިސާޗު ހެދުމުގެ މަސައްކަތްތައް.
- އިލެކްޓްރޯނިކް ރިޕެއާގެ މަސައްކަތްތައް.
- ރީޓެއިލްގެ މަސައްކަތްތައް.
- ކޮންސްޓްރަކްޝަން ތަކެތީގެ ހޯލްސޭލްގެ މަސައްކަތްތައް.

