
ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ހިންގަމުންދާ މަޝްރޫއުގެ ދަށުން އިތުރު 10ރަށެއްގައި ނާސަރީ ބިނާކުރަން ކައުންސިލްތަކާއެކު މިއަދު ސޮއިކޮށްފިއެވެ.
ދިހަ ރަށެއްގައި ޚާއްޞަ ނާސަރީތަކެއް ބިނާކުރުމަށްޓަކައި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ރަށްރަށުގެ ކައުންސިލްތަކާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން ފުރަތަމަ ސޮއިކުރީ މިދިޔަ ޖޫން މަހުއެވެ.
އެންވަޔަރަމަންޓް މިނިސްްޓްރީން ،މިއަދު ބުނީ އެ މަޝްރޫއުގެ ދެވަނަ ބުރުގެ ދަށުން އިތުރު 10ރަށުގެ ކައުންސިލާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދު ސޮއިކުރީ ހދ. ނޮޅިވަރަމް، އދ. ދިއްދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ލ. ހިތަދޫ، ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ސ. މީދޫ، ގދ. ވާދޫ، ކ. ހިންމަފުށި ކައުންސިލްއާއެކުއެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތައް ދިރުވައި، ރަށްތަކުގެ ފެހިކަން އިތުރުކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.
މިހާތަނަށް އައިއިރު މުޅި އެކު ދެ މިލިއަނެއްހާ ގަސް އިންދާފައިވާ އިރު މިއަހަރުގެ މިހާތަނަށް ވަނީ ހަ ލައްކަ ގަސް އިންދާފައެވެ. ރިޔާސީ ބަޔާނުގައި މިއަހަރަށް ކަނޑައެޅުއްވި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު، އަހަރު ނިމުމުގެ ކުރިން ޙާޞިލުކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

