
ސަތާރަ އަހަރުވެފައިވާ ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެއީ މިދިޔަ މަހުގެ ނިޔަލަށެވެ.
ނަމަވެސް ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ އެ އިއުލާންއަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފަިއނުވާތީ އެ މަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށް ފަހު އަލުން މިހާރު އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން ޑީއެންއާރުގެގެ ކަސްޓަމާ ސާވިސް ކައުންޓަރއޭރިއާ ކޮންސެޕްޓް ޑިޒައިންކޮށް އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ ނުވަ ވަނަ ދުވަހު 12:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުންޏެވެ.
ޑީއެންއާރުއިން ބުނީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުން ކަމަށާއި އަދި އެ ބަދަލާއެކު، އައިޑީ ކާޑުގެ ހިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށް ރީތި، ޒަމާނީ އަދި ކުރިއަށްވުރެ ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
މިއީ މި ސަރުކާރުގެ “މޯލްޑިވްސް 2.0″ތަސައްވުރުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

