
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯއަށް ފޮނުވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާންގެ ނަންފުޅުގައި ދައުރުކުރަމުންދާ ސިޓީއަކީ އެއްވެސް އަސްލެއް ނެތް ލިޔުމެއްކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
މިނިސްޓްރީގެ ރަސްމީ ލެޓަރހެޑް ބޭނުންކޮށްގެން އަސްލާ އެއްގޮތްކުރުމަށް މަސައްކަތްކޮށްފައިވާ މި ލިޔުމަކީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މީސްމީޑިއާ މަންސަ ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދާޚިލީ ވުޒާރާއަކީ ތަޙުޤީޤީ އިދާރާއަކަށް ނުވުމާ އެކު، ބޭންކަކަށް ނުވަތަ އެނޫންވެސް އެފަދަ މުއައްސަސާއަކަށް އެފަދަ އެއްވެސް ލިޔުމެއް އެ މިނިސްޓްރީން ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި މިފަދަ ޞައްޙަނޫން ލިޔެކިޔުންތައް އުފައްދައި ނުފެތުރުމަށް އެމަނިކުފާނު ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
މިނިސްޓްރީގެ ރަސްމީ ސިޓީއެއްކަމަށް ދެއްކުމަށް ހަދާފައިވާ މި ފޭކް ސިޓީ މީސްމީޑިއާގައި ދަނީ ދައުރު ކުރަމުން. ހޯމް މިނިސްޓްރީ އަކީ ތަހުގީގު ހިންގާ އިދާރާއެއްކަމަށް ނުވާތީ މިފަދަ އެއްވެސް ލިޔެކިއުމެއް ބޭންކަށްވެސް އަދި އެފަދަ އެހެން އިދާރާއަކަށްވެސް ފޮނުވާފައި ނުވާނެ. ދައުލަތުގެ… pic.twitter.com/3Ssol6tNER
— Minister of Homeland Security, Labour & Technology (@min_mohst) August 31, 2026
މިފަދަ ދޮގު މަޢުލޫމާތުތަކެއް ފަތުރަން ފަށާފައި މިވަނީ، ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅުބާޒާރު ނައްތާލައި، ރައްޔިތުންނަށް ހަމަ އަގުގައި ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަން ހިނގާގޮތް އޮޅުވާލައި، ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި ފިތުނަ އުފެއްދުމަށް ޤަޞްދުގައި މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

