
ޕާސްޕޯޓު އާކުރަން ބޭނުންވާ ފަރާތްތަކަށް އައު ފޮތެއް ދޫކުރުމުގެ ބަދަލުގައި 2027ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިލޭ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައި، އެކަމަށް އެދި ހުށަހަޅަންޖެހޭނީ “އިމުގާ” ޕޯޓަލް މެދުވެރިކޮށްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުގެ ކުރިން މުއްދަތު ހަމަވާ ޕާސްޕޯޓުތައް ގެންގުޅޭ ފަރާތްތަކަށް، އެއްވެސް އިތުރު ފީއެއް ދެއްކުމަކާ ނުލައި މުއްދަތު އައުކޮށްދިނުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި ހިދުމަތް ހޯދުމަށްޓަކައި އަމަލުކުރަންޖެހޭނީ ކުރިން ވެސް އައު ޕާސްޕޯޓެއް ހެއްދުމަށް އޮންނަ އާންމު އުސޫލުގެ މަތިންނެވެ.
މީގެ އިތުރުން، އަލަށް ޕާސްޕޯޓު ހައްދައިގެން އަވަށްޓެރި އިންޑިއާ ނުވަތަ ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ފުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން “އިމަޖެންސީ ޕާސްޕޯޓެއް” ތައާރަފުކުރުމަށް ވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް، އެއްވެސް ފީއަކާ ނުލައި ދޫކުރާ މި ޕާސްޕޯޓަކީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމިއްޔާ (އައިކާއޯ)ގެ މިންގަނޑުތަކަށް ފެތޭ، އަށް ސަފުހާގެ މެޝިނަށް ކިޔަން އެނގޭ ޕާސްޕޯޓެކެވެ.
މި ހާއްސަ ފިޔަވަޅުތަކަށް އިމިގްރޭޝަނުން އަމަލުކުރަން ފަށާފައި ވަނީ މި މަހުގެ 28ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖެއަށް ޕާސްޕޯޓު ފޮތްތައް ސަޕްލައިކުރާ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިންގ މެޝިންތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ފޮތްތައް ލިބުމުގައި އަދިވެސް ދަތިތަކެއް އުޅޭކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

