
ޑްރަގު ބަންދުކޮށްފައި ހުރި 153 ސެލޯފިންކޮޅާ އެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފްލެޓް 01-1-149، މާލެ / ޔޫނުސް މުޙައްމަދު ފާއިޒް (18އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮގަސްޓު މަހުގެ 30ވަނަ ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު، ހުޅުމާލެ ލޮޓް 11279 ކައިރިން، އޭނާއަށް ފުލުހުން ފެނުމުން އެއްޗެއް ފޮރުވައި ދުވެފައިގޮސް ފިލަން މަސައްކަތްކުރުމާ ގުޅިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.
އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އަދި އޭނާ ފޮރުވަން މަސައްކަތްކުރި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 153 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމު ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

