
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ އާ ސަފީރުގެ ގޮތުގައި، ހ. ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދު ހަމަޖައްސަވައި، އެކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް އަރުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި މަހުގެ 16ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މި ނަންފުޅު ދިރާސާކުރުމަށް ފަހު، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފައެވެ. އަދި މަޖިލީހުގެ ތަޅުމުން ޖަމީލާއަށް މި މަޤާމު ދެއްވުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެމްބަރުންގެ ސައްތައިން ސައްތަ ތާއީދާ އެކުގައެވެ.
މީގެ ކުރިން ވެސް ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ޖަމީލާ ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުކަން ކުރައްވާފައެވެ. މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މީޑިއާގައި ވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައެވެ.

