
ތިލާ މާލެ ބުރިޖުން ފައިމަގުގައި ރައީސް ޑރ، މުހައްމަދު މުއިއްޒު މާލެއިން ވިލިމާލެއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު ވިލިމާލެއަށް ވަޑައިގެންނެވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބުރިޖަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ.
އެގޮތުން ރައީސްގެ އަރިހުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއާއި ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އިސްވެރިން ވެސް ވިލިމާލެއަށް ވަޑައިގެންނެވިއެވެ.
މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ތިލަމާލެ ބުރިޖު ގުޅާލާއިރު އަދި ސްޓްރަކްޗާތަކުން ގުޅާލައިފައިވަނީ މާލެއާއި ވިލިމާލެ އެކަންޏެވެ. އެއީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށީ ނިމިގެން ދިޔަ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަމުގައި ބުރިޖުގެ މަސައްކަތް ދިޔައީ ވަރަށް ލަހުންނެވެ.
ހުދު ރައީސް މުއިއްޒުވެސް އެކަން ވަނީ ފާހަގަކުރައްވައިފައެވެ. އެހެންވެ އެ މަސައްކަތް ފަށަން ޖެހުނީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެެއެވެ.
ދާދި ފަހުން ރައީސް މުއިއްޒު ވިދާޅުވީ އަހަރެއްހާ ދުވަސް ތެރޭގައި ބުރިޖުގެ މަސައްކަތް ނިންމާލެވޭވަރު ވާނެއެވެ.

