
ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި އިންޖިނިއަރިންގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފަރާތުން އެ ކުންފުނީގެ ޓްރެއިނިންގ އިންސްޓިޓިއުޓްގައި މިއަދު ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުޤީއެވެ. މީގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި އެސްޓީއޯއިން އަދާކުރާ ދައުރާއި ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދަރިވަރުންނާ ވަނީ ޙިއްޞާކޮށްފައެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަނަށް ފަހު، ބައިވެރިންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ތަފާތު ސައިޓުތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން، އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް ޕްލާންޓަށާއި އެތަނުގެ ލެބޯޓަރީއަށް ޒިޔާރަތްކޮށް ކޮންކްރީޓްގެ ފެންވަރު ބެލުމަށް ކުރެވޭ ތަހުލީލުތައް ވަނީ ދައްކާލާފައެވެ.
ހަމައެއާ އެކު، މަކިޓާ ޝޯރޫމާއި ނިޕޯން ޕެއިންޓްގެ ކުލަ ތައްޔާރުކުރާ ޓެކްނޮލޮޖީގެ އިތުރުން، އިންޖިނިއަރިންގެ ދާއިރާގައި ހިމެނޭ އެންމެ އުނދަގޫ އެއް މަސައްކަތްކަމަށްވާ އިމާރާތްތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ޢަމަލީގޮތުން ހިނގަމުންދާ ގޮތް، ސައިޓަކަށް ގޮސް ބަލާލުމުގެ ފުރުޞަތު ވެސް މި ހަރަކާތުގެ ތެރެއިން ދަރިވަރުންނަށް ވަނީ ފަހިކޮށްދީފައެވެ.

