
ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންގައި މި މަހުގެ 26އިން 28އަށް ބޭއްވި މި ކޮންފަރެންސްގެ ތެރެއިން ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމާއި، ސުލްހަވެރިކަމާ އެކު މައްސަލަތައް ހައްލުކުރުމުގެ މައްޗަށް އެމަނިކުފާނު ވަނީ މުހިންމު ތަޤުރީރެއް ކުރައްވާފައެވެ. އެގޮތުން، ދުނިޔޭގެ ހަމަޖެހުމާއި ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ހަމަނުޖެހުންތަކަށް ޖާގަ ނުދީ މަޝްވަރާގެ އުސޫލު އިސްކުރުމަށް ޢަބްދުއްރަޙީމް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓާލައި، ވަގުތުން ޞުލްޙަ ޤާއިމުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެހެންމެ، އިންޑިއާ ކަނޑަކީ ދިވެހިންގެ އިޤްތިޞާދާއި ދިރިއުޅުމުގެ މައިނާރުކަން ފާހަގަކުރައްވައި، ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް މަޖިލީހުގެ ރައީސް ދެއްވިއެވެ.
ޕާލިމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަން އިޚްތިޔާރުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މުސްތަޤުބަލު އާރާސްތުކުރުމަށް އެންމެހާ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވެރިންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޖިލިސް ރައީސުން އެއްވެ، ދެމެހެއްޓެނިވި ތަރައްޤީއާއި ޞުލްޙައާ ގުޅޭގޮތުން މަޝްވަރާކުރާ މި މުހިންމު ކޮންފަރެންސްގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރާއްޖެއިން މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ އިތުރުން މަޖިލީހުގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީއެވެ.

