
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021ވަނަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ޢަލީ ހައިޝަމްއާއި ފަހުމީ ޢަލީގެ މައްސަލައިގެ އަޑުއެހުންތައް، މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 09:00އަށް ތާވަލުކޮށްފައި ވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީގެ ޝަރީއަތެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، ނ. މަނަދޫ، ނޫރީގެ، ޢަލީ ހައިޝަމްގެ ޝަރީއަތް މާދަމާ މެންދުރުފަހު 14:00ގައި ކުރިއަށްދާނެއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ އިތުރުން، އެފަދަ އަމަލެއް ރޭވުމާއި އަދި ގޮވާތަކެތި އެހެން ތަނަކަށް އުފުލުމުގައި އެހީތެރިވެދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.
ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބިރުވެރި އެއް ހާދިސާ ކަމަށްވާ މެއި 6ގެ ހަމަލާއަކީ، ނީލޯފަރު ހިނގުމުގައި ހުރި ރައީސް ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއެކެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ގިނަ ރޭޒާފުއްތަކެއް ވަދެ، ފުރާނަފުޅަށް ނުރައްކާވާ ފަދަ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަތެވެ.
އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ދިގު އޮޕަރޭޝަންތަކަކަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ. ހަމަލާއަށް ފަސް އަހަރު ފުރިފައިވާއިރު، މިހާރު ސިއްހީ ހާލުކޮޅު މުޅިން ރަނގަޅުވެފައިވާކަން ޑޮކްޓަރުންނާ ހަވާލާދެއްވައި ނަޝީދު ދާދި ފަހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޖުމްލަ 10 މީހެއްގެ ޝަރީއަތް ހިނގަމުންދާއިރު، މިހާތަނަށް ހުކުމަކާ ހަމައަށް ގޮސްފައި ވަނީ ބޮން ގޮއްވާލިކަމަށް އެއްބަސްވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް އެކަންޏެވެ. އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ޢަބްދުﷲ ޢަލީ މަނިކަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ހަމަލާއަށް ޚަރަދުކުރި ފަރާތްތައް ހޯދުމުގެ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް ވަނީ އަންގާފައެވެ.

