
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި “ބޮޑު ބަދަލު” ގުރޫޕުގެ އަސްލު އަމާޒު ގެއްލި، ބޭކާރު މައްސަލަތަކެއް އުފެދެމުންދާކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ގުރޫޕުން ވަކިވެވަޑައިގެންފިއެވެ.
މި ގުރޫޕަކީ ބަރުލަމާނީ ސިފަތައް އެކުލެވޭހެން ވެރިކަން ހިންގުމުގެ ނިޒާމު ފުރޮޅާލުމަށް ފައްޔާޒުގެ ބައިވެރިވުމާ އެކު ފެށި ހާއްސަ ހަރަކާތެކެވެ. މި މަސައްކަތުގެ ފެށުމެއްގެ ގޮތުން، ރިޔާސީ ރޭހަށް ކުރިމަތިނުލައްވައި އެ ފުރުސަތު ފައްޔާޒަށް ދެއްވުމަށް ފަހު، ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާކަން ކުރިން އޮތީ އިއުލާނުކުރައްވާފައެވެ.
އެހެންނަމަވެސް، ފަހުން މަސްރަހު ބަދަލުވެ، ނަޝީދުގެ ސަޕޯޓަރުން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖެހޭނީ ނަޝީދުކަމަށް ބުނެ އަޑުއުފުލަން ފަށާފައެވެ. “ބޮޑު ބަދަލު” ވޮޓްސްއެޕް ގުރޫޕުގެ ތެރޭގައި ވެސް މި ކެމްޕެއިންގެ އަޑުގަދަވުމާ އެކު، ފައްޔާޒު ވަނީ ގުރޫޕު އުފެއްދި ބޭނުން މިހާރު ކެނޑިއްޖެކަން ފާހަގަކުރައްވައި ގުރޫޕުން ނިކުމެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ނަޝީދަށް ނުސީދާކޮށް ރައްދުދެއްވައި ފައްޔާޒު ވިދާޅުވީ، ރިޔާސީ ރޭހަށް ނިކުންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެމްޑީޕީގެ ޕްރައިމަރީގައި އެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަންވީ ކަމަށެވެ. ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، އެމްޑީޕީގެ އެތެރޭގައި މިވަގުތު އޮތީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.

