
ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން އަޅާ ފިޔަވަޅުތަކުން އެދެވޭ ނަތީޖާ ފެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ނޭޝަންޗެޓް”ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ޕީއެސްއެމްއިން ރޭ ގެނެސްދިން ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި ދުވަސްވަރު ގައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
އެ މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
އަދި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ކަންކަމަކީ ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އިގުތިސާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީ ނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޭރު ފައިސާ، ހާއްސަކޮށް ޑޮލަރުގެ ތާށިކަން ކުޑަކުރަން ސަރުކާރުން ހުށަހަޅައިގެން މިހާރު ވަނީ ރިސޯޓުތަކުގެ އާމްދަނީގެ 40 ޕަސެންޓް ޑޮލަރު މާރުކުރާގޮތަށް ހަދަން މަޖިލީހުން ފާސްވެސްކޮށްފައެވެ. އަދި އޮފިޝަލް ރޭޓަށް ވުރެ ބޮޑަށް ޑޮލަރު ވިއްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުވެސް ވަނީ އަޅަން ފަށައިފައެވެ.

