
ވިޒިޓް މޯލްޑިވްސް (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަނުކޮށްފިއެވެ.
ވީއެމްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ މީގެ ދެތިން ދުވަސް ކުރިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ވީއެމްސީގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު އޮތީ ހަމަޖައްސައިފައެވެ.
ވީއެމްސީއިން ރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ޔާސިރު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފައެވެ.
ޔާސިރުއަކީ ޓޫރިޒަމް ދާއިރާގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވައިފައެވެ.
ޔާސިރުއަކީ މި ސަރުކާރުގައި ވީއެމްސީގެ ތިންވަނަ މެނޭޖިން ޑިރެކްޓަރުއެވެ.
ވިޒިޓް މޯލްޑިވްސް ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުންޏެވެ.
ކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހިންގަމުން އައި ކުންފުނި ވިޒިޓް މޯލްޑިވްސްގެ ނަމަށް ސަރުކާރުން ބަދަލުކުރީ މިދިޔަ ޖުލައި މަހުއެވެ.

