
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ ވިހޭތާ މާ ގިނަ ދުވަސް ނުވާ 14 ކުއްޖަކު ނިޔާވެފައެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ހިތާމަވެރި ހާދިސާގެ މައުލޫމާތު އެހީ ފުން ހިތާމައާ އެކުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ އޮތީ އެ ހިތާމަވެރި ހާދިސާގައި ނިޔާވި ކުދިންގެ އާއިލާތަކާ އެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި އެ ހިތާމަވެރި ހާދިސާ ތަހުގީގުކޮށް އެފަދަ ކަންކަން ދެން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަންވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

