
ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި ދެފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށް ފަހު، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި ތަޅުމުގައި ގިނަ ކަންތައްތަކެއް ނުނިމި ހުރުމުގެ ސަބަބުން، އޮގަސްޓް 15އަށް ނިންމަން ޖެހޭ ދެވަނަ ދައުރުގެ މުއްދަތު އެންމެ ފަހުން ދިގުދަންމާލާފައި ވަނީ މި މަހުގެ 27ވަނަ ދުވަހާ ހަމައަށެވެ. ޤަވާއިދުގައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މުހިންމު މަސައްކަތްތައް ނުނިމޭ ހާލަތްތަކުގައި ދައުރެއްގެ މުއްދަތު އިތުރުކުރެވެނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ފާސްކޮށްގެންނެވެ.
ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ކޮންމެ އަހަރަކު ވެސް ތިން ދައުރަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށް ފަހު މެންބަރުން ޗުއްޓީއަކަށް ވަޑައިގެންފައެއް ނުވެއެވެ. އޭރު ވެސް މުހިންމު ބިލުތަކަކާއި މަސައްކަތްތަކެއް ހުރިކަމަށް ބުނެ، ޗުއްޓީއަކާ ނުލައި ވަނީ ވިދިވިދިގެން ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައެވެ.
އާންމު އުސޫލުގެ މަތިން މަޖިލީހުގެ ފުރަތަމަ ދައުރު ފެބްރުއަރީ މަހުގެ އެކަކުން މެއި މަހުގެ 15އަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދާނީ ޖޫން މަހުން ފެށިގެން އޮގަސްޓް 15ވަނަ ދުވަހަށެވެ. މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން ދެން އެންމެ އަވަހަށް ވެސް ތިންވަނަ ދައުރުގެ ޖަލްސާތައް ފަށައި، މަސައްކަތްތަކަށް މެންބަރުން ނުކުންނަ ވާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ތިންވަނަ ދައުރުގެ މަސައްކަތްތައް ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

