
ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުކޮށް، އެތަންތަން ކުއްޔަށް ދޫކުރުމުގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި މުހިންމު ބިލު، 47 މެންބަރުންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ހިލްމީ މަޖިލީހަށް ތައާރަފުކުރެއްވި “ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު”ގެ އެންމެ ބޮޑު އެއް ބޭނުމަކީ، މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ގާނޫނު ބާތިލުކުރުމެވެ. އޭގެ ބަދަލުގައި، ވަކި ކަމަކަށް ޚާއްސަކުރެވިފައިނުވާ ރަށްރަށް ވަރުވާއަށް ދޫކުރުމާއި، އެކި ބޭނުންތަކަށް ފަޅުތައް ކުއްޔަށް ދިނުމުގެ ހަރުދަނާ އުސޫލުތަކެއް މި ބިލުން ވުޖޫދަށް ގެންނާނެއެވެ.
އަލަށް ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނީ ގޮތުން އެހެން އިދާރާއަކަށް ބާރުދީފައި ނުވާނަމަ، އިގްތިސާދީ ބޭނުންތަކަށާއި ޚާއްސަ މަޝްރޫއުތަކަށް ފަޅުތަކާއި ރަށްތައް ކަނޑައެޅުމުގެ އިހުތިޔާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް، ފަތުރުވެރިކަމާއި ސިނާއީ ބޭނުންތައް ފިޔަވައި، ސިޓީ ނުވަތަ ރަށު ކައުންސިލްތަކުގެ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތައް އެހެނިހެން ކަންކަމަށް ކަނޑައެޅުމުގެ ބާރު އެ ކައުންސިލަކަށް ލިބިދެއެވެ. އަދި ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ރަށެއް، ފަތުރުވެރިކަމަށް ނުވަތަ ސިނާއީ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެ ރަށެއް ކައުންސިލްގެ ބާރުގެ ދަށުން ވަކިވާނެކަމަށް ބިލުގައި ސާފުކޮށްދީފައިވެއެވެ.
ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ރަށެއް ނުވަތަ ފަޅެއް ދޫކުރުމުގެ ކުރިން އޭގެ ޖިއޯގްރަފީ އެކަމަކަށް އެކަށޭނެތޯ ބެލުމާއި، ކައިރި މުޖުތަމައުތަކަށް ކުރާނެ އަސަރު ވަޒަންކުރުން ލާޒިމުކޮށްފައިވެއެވެ. ހަމައެއާ އެކު، ހިމާޔަތްކޮށްފައިވާ ދިރުންތައް ހުންނަ ތަންތަން އެހެން ކަމަކަށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ވަރުވާއަށް ދޫކުރާ ރަށްތައް ފިޔަވައި، އެހެން ފަޅުރަށްތައް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކޮށްފައިވާއިރު، ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ރަށްތަކުގެ މައުލޫމާތު މާލީ ވުޒާރާއަށް ހުށަހަޅަންޖެހޭނެއެވެ.
އައު ބިލާ އެކު ކުލި ނަގާނެ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. ފަޅުރަށްރަށުން ސިނާއީ އަދި އިގްތިސާދީ ކަންކަމަށް އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ ނަގާއިރު، ދަނޑުވެރިކަމާއި މަސްވެރިކަމަށް ނަގާނީ ދެ ރުފިޔާ ފަންސާސް ލާރިއެވެ. އިޖުތިމާއީ ކަންކަމަށް އަކަމީޓަރަކަށް ދެ ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. ފަޅުތަކުގެ ކުލީގެ ގޮތުގައި އިގްތިސާދީ އަދި ސިނާއީ ބޭނުންތަކަށް ތިން ރުފިޔާ ކަނޑައަޅާފައިވާއިރު، މަސްވެރިކަމަށް ފަޅު ބޭނުންކުރާނަމަ ދައްކަންޖެހޭނީ އަކަމީޓަރަކަށް 50 ލާރިއެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބިލުގައި ޖާގަދީފައިވެއެވެ. ކުއްޔަށް ދީފައިވާ ފަޅެއް ނުވަތަ ރަށަކާ ގުޅިގެން ގަވާއިދާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަރުވާއަށް ދީފައިވާ ރަށެއްގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ދައުލަތަށް ލިބިގެންވެއެވެ. އެނޫން ފަޅުރަށްރަށާ ގުޅޭގޮތުން ހިންގާ ކުށްތަކަށް ވެސް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ސަރުކާރުން ބުނާ ގޮތުގައި މިއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ގުދުރަތީ ވަސީލަތްތައް ބޭނުންކުރުން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

