
ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައިވާ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރަށް ނެގޭނެ މަގު ތަނަވަސްކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ 47 މެންބަރުންގެ އަޣުލަބިއްޔަތުން މި ބިލު ފާސްކޮށްފައިވާއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މި ޤާނޫނު ފާސްވެގެން ދިޔައީ ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން މުހިންމު ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން، ކައުންސިލެއްގެ ބާރުގެ ދަށުގައިވާ ބިމެއް ސަރުކާރަށް ނަގާ ހާލަތުގައި، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކަމާގުޅޭ ވުޒާރާއިން މާލީ ބަދަލު ދިނުން ވަނީ ލާޒިމުކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ބިންތައް ނެގުމުގެ އިޚުތިޔާރު ކެބިނެޓަށް ލިބިގެންވެއެވެ. މީގެ އިތުރުން، އާންމު މަސްލަހަތު ހިމެނޭ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށާއި، މަޤުބޫލު ސަބަބެއް ނެތި އެފަދަ ކަންކަމަށް ހުރަސްއެޅޭ ފަދަ ނިންމުންތައް ނުނިންމުމަށް ވެސް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

