
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ދެ ބޭފުޅަކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަންކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ރުހުންދީ ފާސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ ޖެންޑަރ އިކުއަލިޓީގެ ރޮނގުން ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އަރީފާގެ އިތުރުން ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ގަވަރނަންސްގެ ރޮނގުން ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފް އައްޔަންކުރުމަށެވެ. މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. މުޙައްމަދު އާރިފް އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އައިޝަތު އަރީފާއަށް ރުހުން ދިނުމަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިއަދު ކުރިއަށްދިޔަ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި މި ދެ ނަންފުޅު ފާސްކުރަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮމިޓީ މަރުހަލާގައި ކުރިއަށްގެންދިޔަ އިންޓަވިއުތަކުން މި ދެ ބޭފުޅުން ވެސް ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ހާސިލުކުރައްވާފައެވެ. މި މަހުގެ 10ވަނަ ދުވަހު ރައީސް މުޢިއްޒު މި ނަންތައް މަޖިލީހަށް ފޮނުއްވީ އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ.
ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސް ކަނޑައަޅުއްވާ ވަޒީރަކާއި، އެ އޮތޯރިޓީގެ ސީއީއޯގެ އިތުރުން މާލީ ވުޒާރާގެ މުވައްޒަފެކެވެ. މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެމްބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހޮވާ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެމްބަރަކު ވެސް މި ބޯޑުގައި އިންނަވާނެއެވެ. ދެން ތިއްބަވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނާއި އަންހެނުންގެ ހައްޤުތަކާ ގުޅޭ ދާއިރާއިން އައްޔަންކުރައްވާ ދެ މެމްބަރުންނެވެ.

