
ފ. ނިލަންދޫގައި ސަރުކާރުގެ ފަރާތުން ބިނާކުރަމުންދާ އައު މިސްކިތުގެ ޢަމަލީ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ.
އެއްފަހަރާ ފަސްސަތޭކަ މީހުންނަށް އަޅުކަންކުރެވޭނެހާ ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ މި ބިނާގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް އެއްކޮށް ނިންމާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި އިމާރާތުގައި އޭސީ އާއި ސޯލާ ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން، ތަޅުމުގައި ވިނައިލް އެޅުމަށް ވަނީ ރާވާފައެވެ. ހަމައެއާ އެކު، ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ޚާއްޞަ ކުރެވިފައިވާ ކިލާހެއް ވެސް މި އިމާރާތުގެ ތެރޭގައި ހިމެނޭނެއެވެ.
ފ.ނިލަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް.@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/JhuW8BwQrL
— Ministry of Islamic Affairs & Endowments (@MVIaffairs) August 25, 2026
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރިހަމަ ވަސީލަތްތަކާ އެކު މިސްކިތްތައް ބިނާކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ތަންފީޒުކުރައްވަމުން ގެންދަވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މެދުކެނޑިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އަލުން ފަށައި، އަލަށް ގިނަ މިސްކިތްތަކެއްގެ ބިންގާ ވެސް ދަނީ އަޅަމުންނެވެ. އަދި އަލަށް ބިނާކުރެވޭ ކޮންމެ މިސްކިތެއްގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާ އެކު އަޅުކަންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަން ފާހަގަކުރެވެއެވެ.

