
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން އެއާޕޯޓު ތެރެއަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ސަންޖީވާ ރެއްޑީ ޔެލްމާ (45އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ސަންޖީވާ މަސައްކަތް ކުރީ އެއާޕޯޓްގެ އިރުމަތީ ފަޅީގެ ގޭޓް ނަންބަރު 51އިން ހުއްދަ ނެތި އެއާޕޯޓު ތެރެއަށް ވަނުމަށެވެ.
އެ ފާހަކީ ވިސާ ކެންސަލް ކޮށްފައިވާ ފަރާތަކަށް ދޫކޮށްފައިވާ ފާހެއް ކަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ސަންޖީވާ ވަނީ އެ ފާހަކީ އޭނާގެ ބޮސް ދިން ފާހެއް ކަމަށް ބުނެފައެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.

