
ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓިސައިޑްގެ ބޭސް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފިއެވެ.
1999ވަނަ އަހަރުން ފެށިގެން ރާއްޖޭން ފެންނަ މި މަޑީގެ ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް ރުއްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ރުކުމަޑި ނައްތާލާ ސޫތްޕެއް ހޯދައި، މި ސޫފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ކުރުމުގެ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރުކުމަޑި އަދި ހުދު ކޫޑީގެ މައްސަލަ އުޅޭ ރަށްރަށަށް ޕެސްޓިސައިޑް ބޭނުންވާނަމަ އެކަން އެ ވުޒާރާއަށް އެންގުމަށް އެދި ކައުންސިލްތަކަށް އަންގައިފައެވެ. އެ ގޮތަށް އެންގުމުން 62 ރަށަކުން އެ ބޭސް ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އޭގެ ތެރެއިން 38 ރަށަކަށް މި ތަކެތި ގެންގޮސްފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
އޭގެ އިތުރުން ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްރަށުން ބޭސް ބޭނުންވާނަމަ ހަނިމާދޫ އެގުރިކަލްޗާ ސެންޓަރަށް ދިއުން އެ ތަކެތި ލިބޭނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ބާކީ ހުރި އަތޮޅުތަކުން ޕެސްޓިސައިޑް ބޭނުންވާނަމަ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދޫކުރާނެކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ރުކުމަޑި ހުދު ކޫޑީގެ މައްސަލަ އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި މަސައްކަތް އަވަސް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެ ގޮތުން ހަނިމާދޫގައި ގާއިމުކުރާ ސެންޓަރުގެ މައިގަނޑު މަގުސަދަކީ، ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

