
އިންތިޚާބުތަކުގައި ކެންޑިޑޭޓަކަށް ދެވޭ ވޯޓަކީ ދީނީ ގޮތުން ބޮޑު އަމާނާތެއް ކަމަށާއި އެއީ އެމީހެއްގެ ޤާބިލުކަމަށް ދެވޭ ހެކިބަހެއްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ އިންތިޚާބީ ޒިންމާއަށްހޭލުންތެރިކުރުވުމުގެ ގޮތުން މީސްމީޑިއާ މެދުވެރިކުރައްވައި އީސީ ޝަކީލް ދެއްވި މެސެޖެއްގައި، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވުމާ އެކު، ވޯޓުގެ ޙައްޤު އަދާކުރުމުގައި މާތްﷲ އަށް ބިރުވެތިވެ، އިޚްލާޞްތެރިކަން އިސްކުރުމަށް އީސީގެ ރައީސް ވަނީ ގޮވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ އެންމެ އިސްވެރިޔާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކީ މުޅި ދައުލަތުގެ ހަމަޖެހުމާއި، ތަރައްޤީއާއި އަދި ޤާނޫނީ ހަމަހަމަކަމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ނުހަނު މުހިންމު ނިންމުމެކެވެ. އެހެންކަމުން އެއީ ކެންޑިޑޭޓެއްގެ ކިބައިގައި ހުރި އިންސާފުވެރިކަމާއި ކުޅެދުންތެރިކަމަށް ރައްޔިތުން ދޭ ހެކިބަހެއްކަން އޭނާ ސާފުކޮށްދެއްވިއެވެ.
އަޅުގަނޑުމެން މިއީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ބައެއް ކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ޢަދުލުވެރި އުޞޫލުތަކަށް ނަޒަރު ހިންގާއިރުވެސް، ވޯޓަކީ އަމާނާތެއް ކަމާއި އެކަން އަދާކުރުމުގައި އަޅުގަނޑުމެންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި،… pic.twitter.com/NCOytyMZ3B
— Elections Commission (@ElectionsMv) August 25, 2026
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25ވަނަ ދުވަސް ރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ވޯޓަކީ ޙައްޤެއް އަދި ޒިންމާއެއް” މިފަދައިންނެވެ. ރައްޔިތުންގެ މެދުގައި ޑިމޮކްރަސީއާއި އިންތިޚާބީ ނިޒާމުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި 2015ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މި ދުވަހާ ގުޅުވައިގެން، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވޯޓުލުމުގެ ޙައްޤާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.

