
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން، އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ދިމާވެފައިވާ މުވައްޒަފުން ލިބުމުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، އެ ރަށަކުން މީހުން ނުލިބޭ ޙާލަތްތަކުގައި ހަމަ އެ އަތޮޅުގެ އެހެން ރަށްރަށުން މީހުންނަށް ވަޒީފާ ދެވޭނެ އާ އުސޫލެއް އެކުލަވާލައި ޢާންމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން، ކައުންސިލެއްގެ ފާސްކޮށްފައިވާ އޮނިގަނޑުގައި ހިމެނޭ އަދި ބަޖެޓު ހަމަޖެހިފައިވާ މަޤާމަކަށް މީހަކު ހޯދުމަށް އިޢުލާނުކުރާނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ. އަދި ވަޒީފާއަށް ހޮވޭ މީހަކަށް، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ގޮސް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހޭނެކަމަށް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިގޮތަށް ވަޒީފާ ހަމަޖައްސައިދެވޭނީ ވަޒީފާ އޮތް ކައުންސިލް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.
މި މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި މޮނިޓަރކުރުމުގެ ޒިންމާ އުފުލާނީ، އެ މުވައްޒަފަކު ޙާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ އިސް ފަރާތަކުންނެވެ. މީގެ އިތުރުން މި މަޤާމުތަކަށް މީހުން ހޮވުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ސީއެސްސީން ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ ޚާއްޞަ އިދާރާއަކުންނެވެ.
މި މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދި ވަޒީފާއިން ވަކިކުރުން ފަދަ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ދައުލަތުގެ ޕޭ ފްރޭމްވަރކާއި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ސީއެސްސީން އެކުލަވާލި އުސޫލުގައި އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ.

