
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ކުރީގެ ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އަލުން އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އޮގަސްޓު 23ވަނަ ދުވަހު މަޖިލީހަށް ފޮނުއްވި މި ނަންފުޅު ކޮމިޓީން ދިރާސާކުރުމަށް ފަހު އޭނާއަށް ރުހުން ދިނީ، ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއު މަރުހަލާގައި 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯއްދަވާފައިވުމުން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ރައީސް އޮފީހުން ފޮނުއްވި ސިޓީފުޅު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވަވާފައެވެ.
އައު ބޭފުޅަކު މި މަގާމަށް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައި ވަނީ، މިހާރު އެ ޒިންމާ އަދާކުރައްވަމުން ގެންދަވާ އަޙްމަދު އާހިދު ރަޝީދުގެ ދައުރު ކުރިއަށް އޮތް މަހުގެ ތެރޭގައި ނިމުމަކަށް އަންނާތީއެވެ.
މީގެ ކުރިން ވެސް މި ދާއިރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަމަލުކުރަން ފެށުމާ އެކު، 2014ވަނަ އަހަރުގެ ޖުލައި 22އިން ފެށިގެން 2019ވަނަ އަހަރުގެ ޖުލައި 22އަށް ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި ބޭފުޅާއެވެ. އޭގެ އިތުރުން އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ކަންކަން ކަށަވަރުކޮށް، ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ގޮތަށް އައްޔަންކުރާ މިނިވަން ފަރާތެކެވެ.

