
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޮރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޕީއެސްއެމް އަށް މައުލޫމާތު ދިން ގޮތުގައި މި ނިޒާމަކީ އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކުން އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކަސްޓަމްސް އާ ގުޅިގެން ގާއިމް ކުރާ ނިޒާމެކެވެ. އަދި އިގުތިސޯދީ ވުޒާރާއާ ގުޅިގެން ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތައް ދެނެގަންނާނެ ވެރިފިކޭޝަން ލިސްޓެއް ހިމެނޭ ނިޒާމެއް ތައްޔާރުކުރުމަށް ވެސް އެމްއެމްއޭން ދަނީ މަސައްކަތްކުރަމުންނެވެ.
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަމުންދާއިރު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބީއެމްއެލްއިން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ.

